އެމެރިކާގައި ބާއްވަމުންދާ ޖީ20 ގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުމުގައި ރަޝިޔާގެ މާލީ ވަޒީރު އެންޓަން ސިލުއާނޯވް ބައިވެރިކުރުމަށް އެމެރިކާއިން ދައުވަތު ދިނުމާ ގުޅިގެން ޔޫރަޕްގެ ގައުމުތަކުން ނުރުހުން ފާޅުކޮށްފިއެވެ.
މިއީ ޔޫކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިޔާގެ މާލީ ވަޒީރު ޖީ20 ގެ ބައްދަލުވުމެއްގައި ސީދާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ނޯތު ކެރޮލައިނާގައި ބާއްވާ މި ބައްދަލުވުމަށް ސިލުއާނޯވް ވަޑައިގަތުމުން ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ އިސް މަސްއޫލުވެރިން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
އެގޮތުން، ޖަރުމަނުވިލާތުގެ މާލީ ވަޒީރު ވަނީ ރަޝިޔާގެ ވަޒީރު އާންމު މެހުމާނެއްގެ ގޮތުގައި ބަލައިގަތުމަކީ ނުރައްކާތެރި މެސެޖެއް ކަމަށް ވިދާޅުވެ، ހަނގުރާމަ ހުއްޓާލުމަށް ސިލުއާނޯވްގެ އަރިހުން އެދިވަޑައިގެންފައެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ މަންދޫބުން ވަނީ ސިލުއާނޯވްއާއެކު ގުރޫޕް ފޮޓޯއެއް ނެގުމަށް އިންކާރުކޮށް، ފޮޓޯއިން އޭނާ ބާކީކުރުމަށް އެދިފައެވެ.
އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ރަޝިޔާއެކު މަޝްވަރާކުރުމަކީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއް ކަމަށެވެ. މި ބައްދަލުވުމުގެ ހަވާސާގައި އެމެރިކާގެ މާލީ ވަޒީރު ވަނީ ސިލުއާނޯވްއާއެކު ވަކިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާފައެވެ.




