ޔޫކްރޭންގެ ވެރިރަށް ކީވްއާއި އެ ނޫންވެސް ބައެއް ސަރަހައްދުތަކަށް ރަޝިޔާއިން ދިން ވަރުގަދަ މިސައިލް ހަމަލާތަކެއްގައި 37 މީހުން މަރުވެ، 170 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.
މި ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި ކީވްގައި ހުންނަ ކުޑަކުދިންގެ އެންމެ ބޮޑު ހޮސްޕިޓަލާއި، އާންމުން ދިރިއުޅޭ އިމާރާތްތަކުގެ އިތުރުން މުހިންމު ވަސީލަތްތައް ހިމެނެއެވެ. ހަމަލާތަކުގެ ސަބަބުން ގިނަ އިމާރާތްތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ކުނިބުނިތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް އިމަރޖެންސީ އޮފިޝަލުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ޔޫކްރޭންގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، މިއީ ފަހަކަށް އައިސް ރަޝިޔާއިން ވެރިރަށް ކީވްއަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި އަދި ގިނަ އަދަދެއްގެ އާންމުން މަރުވި އެއް ހަމަލާއެވެ. ކުނިބުނިތަކުގެ ދަށުން އިތުރު މީހުން ފެނުން އެކަށީގެންވާތީ، މަރުވި މީހުންގެ އަދަދު ކުރިއަށް އޮތް ވަގުތުތަކުގައި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.



