ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމުގެ ތުހުމަތު ކުރެވޭ ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފްގެ އަތުގައި އޮރިޔާން ކާޑު ހުރި ނަމަވެސް، އޭނާ އެ ތަކެތި ކުޑަކުދިންނަށް ވިއްކި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ހާމަކޮށްފިއެވެ. ޕީޖީ އޮފީހުން މިކަން ހާމަކުރީ އަދްލާންގެ މައްޗަށް ކުރި ދައުވާތައް އަނބުރާ ގެންދިއުމަށް ފަހުގައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، އަދްލާންގެ މައްޗަށް ކުރެވެން އޮތީ އެންމެ ދައުވާއެކެވެ. އެ ދައުވާ ސާބިތުވިޔަސް އޭގެ އަދަބާ އެއްވަރަށް އޭނާ ޖަލުގައި ވަނީ ވަގުތު ހޭދަކޮށްފައެވެ. އެހެންކަމުން، އިތުރަށް މައްސަލަ ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތް ކަމަށް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި އަދްލާންގެ މައްޗަށް އެންމެ ފުރަތަމަ އުފުލާފައިވަނީ އެނގިހުރެ ކޮމްޕިއުޓަރު ސިސްޓަމެއްގައި ނުވަތަ ސްޓޯރޭޖެއްގައި ކުޑަކުދިންގެ އޮރިޔާން ކާޑު ބެހެއްޓުމުގެ ދައުވާއާއި އޮރިޔާން ކާޑު އުފެއްދުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގަށް ފަހު ޕީޖީ އޮފީހުން މިހާރު ވަނީ އެ ދައުވާތައް އަނބުރާ ގެންގޮސްފައެވެ.
މި މައްސަލައަކީ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ގަނެ ވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ތަހުގީގު ކުރި މައްސަލައެކެވެ. ނަމަވެސް، އެ ތަކެތި ވިއްކި ކަމުގެ އެކަށީގެންވާ ހެކި ލިބިފައި ނުވާތީ، ޕީޖީން ވަނީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައެވެ.



