މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ގިނަ ރައްޔިތުންނަށް ފްލެޓާއި ގޯތި ލިބި، އެ ތަންތަނުގައި ދިރިއުޅެން ފެށޭނީ 2028 ވަނަ އަހަރުގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ބޮޑު ބައެއް އެ އަހަރުގެ މެދުތެރެއަށް ނިންމައި، އާންމުންނަށް ގެދޮރު ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މާލެ ސަރަހައްދުގައި އަޅަމުންދާ ހުރިހާ ފްލެޓްތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެއި، ޖޫން ނުވަތަ ޖުލައި މަހާ ހިސާބަށް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި އެ ތާރީޚަށް މަސައްކަތްތައް ނިންމައި، ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭނެ ގޮތް ހެދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ރެއާއި ދުވާލު މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ބޯހިޔާވަހިކަން ލިބޭ މީހުން ކަނޑައަޅައި، މިހިނގާ އަހަރުގެ ތެރޭގައި އެކަން ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތުން އާންމުކުރާ ލިސްޓުގައި، ކޮންމެ މީހަކަށް ލިބެނީ ކޮން މަޝްރޫއެއްގެ ދަށުން ކޮން ފްލެޓެއް ނުވަތަ ގޯއްޗެއްކަން އެނގޭނެހެން ހުރިހާ ތަފްސީލެއް ހާމަކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ގޯތި ދިނުމަށް ހަމަޖެހިފައިވާ ރަސްމާލެ ހިއްކުމުގެ މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މަސައްކަތަށް ކުޑަ މަޑުޖެހުމެއް އައި ނަމަވެސް، މިހާރު އަލުން މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުން ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.


