މުދާ އުފުލާ ސަޕްލައި ދޯނި "ފްރެންޑް 4" އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނިކޮށް ގެއްލުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިއުގެ މައިންބަފައިންނާ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރާއި ފުލުހުންގެ ކޮމިޝަނަރު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ގެއްލިފައިވާ ފުލުސް އޮފިސަރުގެ އާއިލާއަށް ހިތްވަރު ދެއްވުމަށާއި، އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރުމަށެވެ. މި ހާދިސާ ހިނގާފައިވަނީ މިހިނގާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެ ރޭ، ލ. އަތޮޅުން ފުރައިގެން ހުވަދުއަތޮޅަށް ދަތުރުކުރި "ފްރެންޑް 4" ދޯނި ގއ. ކޮލަމާފުށީގެ އިރުއުތުރުން 8 މޭލު ބޭރުން ބަންޑުން ޖަހާލައި އަޑިއަށް ދިއުމާ ގުޅިގެންނެވެ. ދޯނި ދިޔަވެ އަޑިއަށްދާން ފެށުމުން، އެހީތެރިކަމަށް އެދުމުން ވިލިނގިލީގައި ތިބޭ ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ދިޔައެވެ. އެގޮތުން ދޯނީގެ ވަތުން ދިޔަ ހިއްކުމުގެ މަސައްކަތުގައި އުޅެނިކޮށް ދޯނި ކުއްލިއަކަށް އަޑިއަށް ގޮސް، ސާޖަންޓް ޢަލީ ނާފިއުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދާއި ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން ވަނީ ގެއްލިފައެވެ.
ގެއްލުނު މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑާއި ވައިގެ ބާރު ގުޅިގެން ވަނީ ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފައެވެ. މިގޮތުން ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި، 9،000 އަށްވުރެ ގިނަ އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވީ ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ގެއްލުނު އެއްވެސް މީހެއްގެ ނިޝާނެއް ފެނިފައެއް ނުވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދެއްވި ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ގެއްލިފައިވާ އޮފިސަރުގެ އާއިލާއާ ބައްދަލުކުރައްވައި، މިނިސްޓަރާއި ކޮމިޝަނަރު ވަނީ މި ދަތި ދަނޑިވަޅުގައި އާއިލާއަށް ބޭނުންވާނެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އޮފިސަރު ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށްދާނެ ކަމަށްވެސް އެ ބައްދަލުވުމުގައި ވިދާޅުވިއެވެ.


