މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރެއް ހޮވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން މިއަދު ހުޅުވާލައިފިއެވެ.
މި މަގާމަކީ ބޭންކުގެ ހިންގުމުގެ ދާއިރާގައި އާންމު ހިއްސާދާރުންގެ ޚިޔާލާއި މަސްލަހަތު ހިމެނުމަށްޓަކައި އުފައްދާފައިވާ މުހިންމު މަގާމެކެވެ. އެމްއައިބީން ނެރުނު ބަޔާނެއްގައި ފާހަގަކުރެއްވި ގޮތުގައި ބޯޑު ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ބޭންކިން ނުވަތަ މާލީ ދާއިރާގެ އިތުރުން ވިޔަފާރި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.
އަދި ކުންފުނިތަކާ ބެހޭ ގާނޫނާއި ރާއްޖޭގެ މާލީ އިދާރާތަކާ ބެހޭ ގަވާއިދުތަކުގެ ދަށުން ބޯޑު ޑިރެކްޓަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އެ ފަރާތެއްގެ ކިބައިގައި ފުރިހަމަވާން ޖެހެއެވެ. މި މަގާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ބޭންކުން ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނެ ކަމަށް އެމްއައިބީން މައުލޫމާތުދެއެވެ.
ހުށަހަޅާ ފޯމުތައް ދިރާސާކުރުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ބޯޑަށް މެންބަރަކު އިންތިޚާބުކުރުން އޮންނާނީ ކުރިއަށް އޮތް ބޭންކުގެ އަހަރީ އާންމު ޖަލްސާގައެވެ. އެމްއައިބީއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ޚިދުމަތް ދެމުން އަންނަ ބޭންކަކަށް ވާއިރު، ބޭންކުގެ ހިއްސާ އާންމުންނަށް ވިއްކަން ފެށި ފަހުން ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ މެންބަރަކު އަންނަނީ އިންތިޚާބު ކުރަމުންނެވެ. ބޯޑަށް އިންތިޚާބުކުރާ ޑިރެކްޓަރުގެ ދައުރަކީ ތިން އަހަރު ދުވަހުގެ މުއްދަތެކެވެ.


