މާލޭ ވިޔަފާރި ބަނދަރަށް އެތެރެކުރި މުދަލުގެ ތެރެއިން ފާއިތުވި ހަފުތާގައި 1655 ކޮންޓެއިނަރ ކްލިއާކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
މި މުއްދަތުގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި ހިމެނެނީ 20 ފޫޓުގެ ކޮންޓެއިނަރާއި 40 ފޫޓުގެ ކޮންޓެއިނަރެވެ. އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބަނދަރަށް މުދާ ހިފައިގެން އައި އުޅަނދުތަކުން ބޭލި މުދާ ކްލިއާކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ ތެރޭގައި ކާބޯތަކެތީގެ ބާވަތްތަކާއި އާންމު ދިރިއުޅުމަށް ބޭނުންވާ އެކި ކަހަލަ މުދާ ހިމެނޭ ކޮންޓެއިނަރުތައް ހިމެނެއެވެ. މާލޭ ވިޔަފާރި ބަނދަރަށް އެތެރެކުރާ މުދާ އަވަހަށް ކްލިއާކޮށް، ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި އެމްޕީއެލްއިން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްޞަކޮށް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލްސް ކްލިއާކުރުމަށް އެ ކުންފުނިން އަބަދުވެސް އިސްކަންދެއެވެ.
ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށާއި، މުދާ ކްލިއާކުރުމުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތައްޔާރީތައްވެސް އެމްޕީއެލްއިން ދަނީ ކުރަމުންނެވެ.


