އުމެއްގެ ކުޑަމިނުގެ ސަބަބުން އެ ޤައުމެއްގެ އަޚްލާޤީ ޒިންމާއަށް އެއްވެސް އުނިކަމެއް ނާންނާނެކަން ފާހަގަކުރައްވައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތަކާ ދެކޮޅަށް ފާޅުގައި އަޑުއުފުލުމާއި ނިކަމެތިންގެ ހައްޤުގައި ތެދުވުމަކީ ދިވެހިރާއްޖޭގެ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އިންސާނީ އެހީތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އިންސާނިއްޔަތުކަމުގެ މަތިވެރި ޚިދުމަތުގައި ނުރައްކާތަކާ ކުރިމަތިލައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެހީތެރިންނާއެކު ދިވެހިރާއްޖެ ސާބިތުކަމާއެކު އޮތްކަމަށެވެ. އަދި ހަނގުރާމަތަކާއި، ގެދޮރުގެއްލުމާއި، ބަނޑުހައިހޫނުކަމުގެ އިތުރުން މޫސުމީ ކުއްލި ނުރައްކާތަކުގެ ސަބަބުން އިންސާނީ އެހީތެރިކަމަށް ބޭނުންވާ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު މިއަދު ފާހަގަކުރެއްވި ގޮތުގައި އިންސާނީ އެހީތެރިކަމަށް އޮތް ރައްކާތެރިކަން މުޅިން އުވިގެން ގޮސްފައިވާ މަންޒަރު އެންމެ ބޮޑަށް ފެންނަނީ ޣައްޒާއިންނެވެ. އެގޮތުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގަސްދުގައި ހުރަސްއެޅުމާއި، ޙިޞާރުކުރުމާއި، އެހީދޭ ފަރާތްތަކަށް ދޭ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ނުރައްކާތެރި ޖަރީމާތަކެއްކަމަށް ވިދާޅުވެ އެކަންކަން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އޮތް ސާބިތު އެއްބާރުލުން ތަކުރާރުކުރައްވައި، ޣައްޒާގައި ވަގުތުން އަދި ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ކުދި ޤައުމުތަކުގެ ރައްކާތެރިކަން ބިނާވެފައިވަނީ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ބައިނަލްއަޤްވާމީ ޤާނޫނުތައް ހިނގާ ނިޒާމެއްގެ މައްޗަށް ކަމަށްވާތީއާއި، ޖެނީވާގެ 4 ވަނަ މުޢާހަދާގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި އާންމުންނާއި އެހީދޭ ފަރާތްތައް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންސާނިއްޔަތުކަމާއި، ވަކިފަރާތަކަށް ނުޖެހުމާއި، މިނިވަންކަމުގެ އަސާސްތައް ދެމެހެއްޓުމަށް ދުނިޔޭގެ އެންމެހައި ޤައުމުތަކަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން މަސައްކަތްކުރާ އަދި ޤުރުބާންވި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެފަރާތްތަކުގެ ރައްކާތެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ކަށަވަރުކޮށްދޭންޖެހޭކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ




