އއ. ހިމަންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކުރުމަށް ހިންގާ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫޢުގެ ދަށުން، ގްރޮއިން ޕްރޯފައިލިންގގެ މަސައްކަތްތައް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ޖުމްލަ 24.54 މިލިއަން ރުފިޔާގެ މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 17 ޖުލައި 2023 ގައެވެ. އަދި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒްކޮށްފައިވަނީ 30 އެޕްރީލް 2024 ގައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ރަށުގެ ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކޮށް، ގޮނޑުދޮށް މުރާޖަޢާކޮށް ކުރިއަށްވުރެ ރައްކާތެރި މާހައުލެއް ގާއިމުކުރުމެވެ. މި މަޝްރޫޢުގެ ދަށުން 43,200 ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް އެލިވެލި އަޅައި ގޮނޑުދޮށް މުރާޖަޢާކުރުމާއި، 110 މީޓަރުގެ ބޮޑުހިލަ ތޮށިގަނޑެއް ގާއިމުކުރުމާއި، 235 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއްގެ އިތުރުން 240 މީޓަރުގެ ބޮޑުހިލަ ގްރޮއިން އާއި 20 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން ހިމަންދޫގެ ގޮނޑުދޮށަށް ކުރިމަތިވެފައިވާ ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.




