ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން ދޯދި" އަދި "އަމާން އުދަރެސް" ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ނިންމާލައިފިއެވެ.
މި ދެ މަޝްރޫއަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެންމެ ފަހުން މީހުން ދިރިއުޅެން ފެށި ބޯހިޔާވަހިކަމުގެ ސަރަހައްދުތަކެވެ. އެފްޑީސީން ފާހަގަކުރެއްވި ގޮތުގައި، އަމާން ދޯދި އަދި އަމާން އުދަރެސްގެ ހުރިހާ ޓަވަރެއްގައި ކެމެރާ ހަރުކުރުމާ ގުޅޭ އެންމެހާ އަމަލީ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މީގެ ތެރެއިން އަމާން އުދަރެހުގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް، ޓެސްޓްކުރުމުގެ މަސައްކަތް ނިންމައި، ސީސީޓީވީ އޮޕަރޭޝަންގެ އެންމެހާ އިންތިޒާމްތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި އަމާން ދޯދީގެ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް ނިމި، މިހާރު ކުރިއަށްދަނީ ކެމެރާ ސިސްޓަމްތައް ޓެސްޓްކުރުމާއި އޮޕަރޭޝަންގެ އެންމެހާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކެވެ.
މި މަޝްރޫޢުގެ ދަށުން އަމާން ދޯދީގެ 16 ޓަވަރާއި އަމާން އުދަރެހުގެ 16 ޓަވަރާއެކު ޖުމުލަ 32 ޓަވަރު ވަނީ ތަރައްޤީކޮށްފައެވެ. މި ހުރިހާ ޓަވަރެއްގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ސިސްޓަމްތައް މުޅިން އޮޕަރޭޝަނަށް ގެނައުމުން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން 24 ގަޑިއިރު ބެލެހެއްޓިގެންދާނެއެވެ. މީގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް އަމާން އަދި ރައްކާތެރި މާހައުލެއް ގާއިމުވެގެންދާނެ ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި ޓަވަރުތަކުގެ ގްރައުންޑް ފްލޯގައި ހަރުކޮށްފައިވާ ކެމެރާ ސިސްޓަމްތަކުގެ އެހީގައި، އެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ. މިގޮތުން ކެމެރާތައް ލައިވްވުމާއެކު، ގަވާއިދާ ހިލާފަށް ކުނި އުކާލާ މީހުން ދެނެގަނެ، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.


