ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ދަށުން، ތ. ވޭމަންޑޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ހޮޅިތައް އެ ރަށަށް ގެންގޮސްފިއެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ މަގުހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާ ބުޅިތަކާއި، އިކުއިޕްމަންޓްތަކުގެ އިތުރުން މެޝިނަރީތައް ސައިޓުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.
އާރުޑީސީއިން ދަނީ ވޭމަންޑޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން ރަށުގެ މައި މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، ތާރު ނުވަތަ ގާ އަތުރައިގެން މަގުތައް ހެދުމުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.
ވޭމަންޑޫގެ މަގުތައް ތަރައްގީކުރުމުގެ އިތުރުންވެސް، އެ ރަށުގެ އުމްރާނީ ތަރައްގީއަށް މުހިންމު އެތައް މަޝްރޫއެއް ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން އެ ރަށުގައި މިހާރުވެސް ބިން ހިއްކުމުގެ ބޮޑު މަޝްރޫއަކާއި، ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތްތައް ފަދަ އުމްރާނީ ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް އަންނީ ހިނގަމުންނެވެ.




