ސްޕެއިންގައި ކުރިއަށްދިޔަ ތަމްރީނު ދަތުރެއްގެ ތެރެއިން ކުޑަ ފްލައިޓެއް ވެއްޓި، އޭގައި އިން ދިވެހި ދަރިވަރަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ސްޕެއިންގެ ވިއާނާ ސަރަހައްދުގެ ދަނޑުވެރިކަން ކުރާ ސަރަހައްދަކަށް ފްލައިޓް ވެއްޓިގެންނެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ޕައިލެޓްކަން ކިޔަވަމުންދާ 27 އަހަރުގެ ދިވެހި ދަރިވަރަކަށެވެ.
ސްޕެއިންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ދަރިވަރުގެ ބޮލަށް އަނިޔާވެ، ފައިގެ ކޮޅަށާއި ތަނބިކައްޓަށް ވަނީ އެކި ވަރުގެ ފްރެކްޗާތައް ލިބިފައެވެ. މި ފްލައިޓް ވެއްޓުނު އިރު އޭގައި ދިވެހި ދަރިވަރުގެ އިތުރުން 26 އަހަރުގެ ފްލައިޓް އިންސްޓްރަކްޓަރެއް ވެސް އިނެވެ.
އޭނާއަށް ވެސް ވަނީ ބޮލަށާއި ކަރުގެ ކަށިތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މި ހާދިސާ ހިނގާފައިވަނީ "ފްލައިބައި" ފްލައިޓް ސްކޫލުން ކުރިއަށްގެންދިޔަ ތަމްރީނު ދަތުރެއްގެ ތެރެއިންނެވެ.
ވެއްޓިފައިވަނީ ދެ އިންޖީނުލީ "ޓެކްނަމް ޕީ2006ޓީ" މަރުކާގެ ފްލައިޓެކެވެ. މި ފްލައިޓް ވެއްޓިފައިވަނީ ގާތްގަނޑަކަށް 300 ފޫޓު މަތިން ދަތުރުކުރަމުން ދަނިކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހާދިސާ ހިނގި އިރު، ދިވެހި ދަރިވަރު ހުރީ ޕައިލެޓް ޓްރެއިނިންގެ އެންމެ ފަހު މަރުހަލާގައެވެ. މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ސިވިލް އޭވިއޭޝަން އެކްސިޑެންޓް އެންޑް އިންސިޑެންޓް އިންވެސްޓިގޭޝަން ކޮމިޝަނުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.


