ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް %5 އިން %10 އަށް އިތުރުކުރުމަށް "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު" އަށް އިސްލާހު ގެނައުމުގެ ބިލެއް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ބޭރުގެ ކޮންޓްރެކްޓަރުންގެ މެދުގައި ހަމަހަމަ އަދި ވާދަވެރި މާހައުލެއް ޤާއިމުކުރުމުގެ ބޭނުމުގައެވެ. މި އިސްލާހުގެ ދަށުން ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގެ އުސޫލުތަކަށްވެސް ބަދަލުތަކެއް އަންނާނެއެވެ.
މި އިސްލާހު ގަނޫނަކަށްވެ ޢަމަލުކުރަން ފެށުމުން، ދައުލަތުގެ ޓެކްސް އިދާރާ (މީރާ) އިން ލަފާކުރާ ގޮތުގައި ދައުލަތުގެ އާމްދަނީއަށް އަހަރަކު އެވްރެޖުކޮށް 251 މިލިޔަން ރުފިޔާ އިތުރުވެގެންދާނެއެވެ.




