ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫޢުގެ %55.16 (556.54 ހެކްޓަރު) މަސައްކަތް މިހާރު ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ އިމާރާތްކުރުމާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ޖުމްލަ 1009 ހެކްޓަރުގެ ބިން 11 ސައިޓަކަށް ބަހާލައިގެން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މިއީ 65,000 ގެދޮރު ޔަގީންވެ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ މަޝްރޫޢެކެވެ. ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމައިފައެވެ.
ރަސްމާލެ ތަރައްޤީކުރުމުގެ މާސްޓަރ ޕްލޭން އެކުލަވާލުމަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ބިނާރާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ. މި ޕްލޭންގެ ދަށުން ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކާއި، ޔުޓިލިޓީ، ދަތުރުފަތުރު އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ނިޒާމުތައް ގާއިމުކުރުމަށް އިސްކަންދެވޭނެއެވެ. 2023 ޑިސެމްބަރުގައި ފެށި މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާއިރު، ދުނިޔޭގެ އިޤްތިޞާދީ މަޑުޖެހުމާއެކު ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލުމެވެ.



