ހއ. އުތީމުގައި މިއަހަރު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރެއްވި މި ދަތުރުފުޅަކީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާއާއި އެ ދުވަހުގެ މުނާސަބަތުގައި އެ ރަށުގައި ކުރިއަށްގެންދިޔަ ޚާއްޞަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ. އުތީމުގައި ބޭއްވުނު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވައި، ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ. މީގެ އިތުރުން، އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި ކުރި މަސައްކަތަށް ރަށުގެ ރައްޔިތުންނަށް ޚާއްޞަ ޝަރަފެއް އެރުވުންވެސް މި ޖަލްސާގެ ތެރެއިން ކުރިއަށްދިޔައެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.


