ހއ. އުތީމުގެ ތަރައްޤީއަށް ކުރިމަތިވެފައިވާ ހުރިހާ ހުރަސްތަކެއް ނައްތާލައި، ރަށުގެ ކުރިއެރުމަށް ބޭނުންވާ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އުތީމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގައެވެ.
އުތީމު ކައުންސިލް އިދާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރަށުގެ އުމްރާނީ ތަރައްޤީއަށް ހުރި ދަތިތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. އެގޮތުން ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢާއި، ބަންޑާރަ މިސްކިތުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އުންމީދުކުރާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސްޓޭޓް ހައުސްގެ މަސައްކަތާއި، ފުޓްސަލް ދަނޑާއި ވޮލީ ކޯޓުގެ އިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތް އަވަސްކޮށްދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
ރަށުގެ އިޖުތިމާޢީ ދާއިރާއިން ހުރި ކަންބޮޑުވުންތަކަށް ބަލާއިރު، އުތީމު ޞިއްޙީ މަރުކަޒުގައި ނަރުހުންގެ އަދަދު މަދުވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، މުވައްޒަފުންގެ ދަތިކަން ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވިއެވެ. ހަމައެއާއެކު، ރަށުގެ ތާރީޚީ އަދި ސަގާފީ ތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމުކަންވެސް މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ. ކައުންސިލުން ހުށަހެޅި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުތީމުގެ ތަރައްޤީއަށް ފެށިފައިވާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ކަމާގުޅޭ ވުޒާރާތަކާ މަޝްވަރާކުރައްވައިގެން އެދެވޭ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.


