މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ހއ. އުތީމުގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރެއިން، ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ކިޔައިދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު މެންދުރު ވަނީ ހުޅުއްވައިދެއްވައިފައެވެ.
އުތީމު ކަނދުވަލު މިސްކިތް ސަރަޙައްދުގެ ޤުދުރަތީ ވަލުތެރޭގައި ތަރައްޤީކޮށްފައިވާ މި ތަނަކީ، 1558 ގައި ޕޯޗުގީޒުން މާލެ ހިފި ހިސާބުން ފެށިގެން، ކަޅުއޮއްފުންމި ބެންނެވުމާއި 1573 ގެ ފަޚުރުވެރި ނަޞްރާ ހަމައަށް ހިނގާދިޔަ މުހިންމު ހާދިސާތައް ތަރުތީބުން ސިފަކޮށްދޭ ޖުމްލަ 14 ބޯޑު ބަހައްޓައިގެން ތާރީޚީ ޖިހާދު އިޙްސާސްކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މިއީ ރައީސް މުޢިއްޒު ޤައުމިއްޔަތަށް ދެއްވާ ޚާއްޞަ އިސްކަމުގެ ދަށުން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކޮށް ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ތެރެއިން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހިންގި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އާސާރީ ބިނާތައް ރައްކާތެރިކުރުމާއި، ތާރީޚީ ވާހަކަތަކަށް ޒުވާނުންނާއި ފަތުރުވެރިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. ތަރިކައާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، އުތީމަކީ ސަގާފީ ފަތުރުވެރިކަމުގެ މަރުކަޒަކަށް ހެދުމުން ފަތުރުވެރިން ރަށުގައި މަޑުކުރާ މުއްދަތު އިތުރުވެ، ގެސްޓްހައުސްތަކާއި ކެފޭތަކާއި ޓުއަރ ގައިޑުންގެ އިތުރުން ރަށުގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ.




