ޤައުމީ ދުވަހު ކޮންމެ ދިވެހި ރައްޔިތެއްގެވެސް ފުރަތަމަ މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ޤައުމީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ހަނދާންކުރުން ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤައުމީ ދުވަހަކީ އިއްޔެއާއި މިއަދުގެ ހާލަތަށް ބަލައި، މާދަމާއަށް ތައްޔާރުވުމަށްޓަކައި އަމިއްލަ ނަފުސު މުރާޖައާ ކުރަންޖެހޭ މުހިންމު ދުވަހެއް ކަމަށެވެ. އަދި އުތީމުގައި މި ދުވަސް ފާހަގަކުރެވެނީ އުތީމު މުޙައްމަދު ތަކުރުފާނު (ޣާޒީ ބަންޑާރައިން) ޤައުމަށްޓަކައި ވެވަޑައިގެންނެވި ބޮޑު ޤުރުބާނީގެ ހަނދާންތައް އާކޮށް، އެ ރަދުންނަށް ނިސްބަތްވާ އާސާރުތައް ރައްކާތެރިކުރުމަށް ސަރުކާރުން ދެއްވާ ހާއްސަ އިސްކަމުގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅުގައި، ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންވާ ޝަރުތުތަކާއި ސިފަތައް ދިވެހިރާއްޖޭގައި ވަރުގަދައަށް އެބަހުރިކަން ފާހަގަކުރައްވައި، ޤައުމުގެ މިނިވަންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ހާލަތުގައި ޤައުމު ޤައުމަކަށްވި ސަބަބުތަކާމެދު ފުންކޮށް ވިސްނައި، ބަދަލުވަމުންދާ ކަންކަން ހެޔޮ މިސްރާބަކަށް އަނބުރާލުމަކީ އެންމެ ބޮޑު މަސްއޫލިއްޔަތު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޣާޒީ ބަންޑާރައިންގެ ހަނދާންތައް ދިރުވައި، ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތުތަކަށްޓަކައި ވަޒީރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރު ވަނީ މާޒީން އިބުރަތް ލިބިގަނެ، ޤައުމީ ސިޔާދަތު ނެގެހެއްޓުމަށާއި، ޒުވާނުންގެ މެދުގައި ޤައުމީ ލޯބި އިތުރުކޮށް އެކުވެރިކަމާއި އިތުބާރު ބޮޑު މުޖުތަމައެއް ބިނާކުރުމަށް އެންމެހައި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.



