ދިވެހި ޤައުމުގެ ހިންގުމުގެ މުޅި ފަލްސަފާ އުތީމު މަހާރަދުންގެ ސީރަތުން ލިބިވަޑައިގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މި ފަދައިން ވިދާޅުވީ، މިއަދު ހއ. އުތީމުގައި ބޭއްވެވި، ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ދެއްވި ތަޤުރީރުގައެވެ.
އުތީމު މަހާރަދުން ރާއްޖޭގެ މިނިވަންކަމަށް ކުރެއްވި ޖިހާދުގައި ހަނގުރާމަވެރި ލީޑަރެއްގެ ހައިސިއްޔަތުންނާއި، އެއަށްފަހު ޙިކުމަތްތެރިކަމާއެކު، ހައްސާސް ދަނޑިވަޅެއްގައި ދާޚިލީ އަދި ޚާރިޖީ ކަންކަން ތަރުތީބުކުރެއްވި ރަސްކަލެއްގެ ހައިސިއްޔަތުން އިސްކުރެއްވި އުސޫލުތަކުން މިސާލު ނަންގަވައި، ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވަނީ މުހިންމު އެތައް ކަމެއް ފާހަގަކުރައްވާފައެވެ.
އެގޮތުން، ދިވެހި ކަނޑުމައްޗަށް އަހުލުވެރިވެވަޑައިގެން، އެކަމަށް ބޭނުންވާ ޢިލްމާއި ހުނަރު އެ ތަކުރުފާނުން ހޯއްދަވައިގެން، އެރަދުން ނަމޫނާ ދެއްކެވިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕޯޗުގީޒު އިސްތިޢުމާރާ ދެކޮޅަށް ކުރެއްވި ޖިހާދަށް ތައްޔާރުވެވަޑައިގެންނެވުމުގައި، ރާއްޖޭގެ ފެތުރިފައިވާ އާބާދީތައް އެއް ޢަޒުމެއްގައި، އެއް ޢަމާޒަކަށް މީޒާންކުރުމަށް އެމަނިކުފާނު ގެންގުޅުއްވި އުސޫލުތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އުތީމު މަހާރަދުންގެ ޚާރިޖީ ސިޔާސަތުގެ ޙިކުމަތުން، ދިވެހިންނަކީ ޤައުމީ ސިޔާދަތާއި ޤައުމުގެ މިނިވަންކަން އިސްކުރާނޭ ބައެއްކަން ސާބިތުކޮށްދެއްވިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަނގުރާމަވެރި ވިސްނެވުމެއްގައި އެ ތަކުރުފާނުން ގެންގުޅުއްވި އުކުޅުތަކާއި، މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދެއްވުމަށް އެ މަހާރަދުން ދެއްވި އަހުމިއްޔަތުން ފިލާވަޅު ލިބިގަނެވޭނޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.



