ރާއްޖޭގައި އިސްލާމްދީނާ ފުށުއަރާ ނުވަތަ ދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރަށް ބިލެއް ހުށަހަޅުއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހި ޤައުމިއްޔަތުގެ ނާރެހަކީ އިސްލާމްދީން ކަމަށާއި، ޤައުމީ ދުވަހުން ލިބޭ އެންމެ ބޮޑު އިބުރަތަކީ ދީނަށް ވަފާތެރިވުމުގެ މުހިންމުކަން ކަމަށެވެ. އަދި މާޒީގައި ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ތެރެއަށް ވެއްޓެންޖެހުނީވެސް ދީން ދޫކޮށްލި އެންމެ މީހެއްގެ ސަބަބުން ކަމަށާއި، ދީނަށް ޚިޔާނާތްތެރިވުމަކީ މުޅި ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ވެވޭ ޚިޔާނާތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަމަށް ލިޔެވިފައި އޮތްނަމަވެސް، އެކަން ޢަމަލީގޮތުން ކަށަވަރުކޮށްދޭނެ ހަރުދަނާ ނިޒާމީ އޮނިގަނޑެއް އަދި ރާއްޖޭގައި ނެތް ކަމަށެވެ. އުތީމު ތިންބޭން ޖިހާދު ކުރެއްވީވެސް އިސްލާމްދީނާއި ޤައުމުގެ ސަލާމަތަށްޓަކައި ކަން ހަނދާންކޮށްދެއްވަމުން، ރައީސް ވަނީ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ޤައުމުގެ މިނިވަންކަން ނުރައްކަލުގެ ތެރެއަށް ވެއްޓޭކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން، މިހާރު އޮތް ހުސްކަން ނައްތާލައި، އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް ނުވަތަ ޤަވާއިދެއް އުފަންވިޔަ ނުދިނުމަށްޓަކައި ޤާނޫނީ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.



