ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ދަށުން ހއ. އުތީމުގައި ތަރައްޤީކުރި "ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރޯށި"، މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ވަނީ ހުޅުއްވައިދެއްވައިފައެވެ.
މިދިޔަ އަހަރު ރައީސް އުތީމަށް ކުރެއްވި ދަތުރުފުޅުގައި އިފްތިތާޙުކުރެއްވި މި މަޝްރޫޢުގެ ދޮރޯށި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމު ޢަބްދުﷲ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުޙައްމަދު، މަޖިލިސް މެންބަރުން، ވަޒީރުން، ޑިޕްލޮމެޓުން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަނދާނީ ދޮރޯށި ފަރުމާކޮށްފައިވަނީ ބޮޑުތަކުރުފާނުގެ ތާރީޚީ ޖިހާދު ރަމްޒުކޮށްދޭ ގޮތަށެވެ. އެގޮތުން، ދިވެހި އެވޭލާ މިސްކިތްތަކުގެ ތަނބުތައް ނަކަލުކޮށްގެން ބިނާކޮށްފައިވާ މައިގަނޑު 6 ތަނބުން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގައި ޖިހާދުކުރެއްވި 6 ބަޠަލުންނެވެ.
ދިވެހި ޤައުމިއްޔަތާއި ސަގާފަތް ދިރުވައި އާލާކުރުމުގެ ސިޔާސަތުގެ ދަށުން ހއ. އަތޮޅުގައި ކުރިއަށްގެންދާ މި ޚާއްޞަ މަޝްރޫޢުގެ މައިގަނޑު އަމާޒަކީ، ތާރީޚީ ތަރިކަ ރައްކާތެރިކޮށް، ފަތުރުވެރިކަމާ ގުޅުވައިގެން އަންނަން އޮތް ޖީލުތަކަށް އެ ތަރިކަ ފޯރުކޮށްދިނުމެވެ.




