ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، ހއ. އުތީމުގައި މިރޭ ޚާއްސަ ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ކުރިއަށްދާނީ މިރޭ 9:00 ޖަހާއިރު އެ ރަށުގެ ބަނދަރު ސަރަޙައްދުގައެވެ.
މި އަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ ބޮޑުތަކުރުފާނުގެ އުފަން ރަށް ކަމަށްވާ އުތީމުގައެވެ. މި މުނާސަބަތާ ގުޅިގެން އެ ރަށުގައި ތިން ދުވަހުގެ މުއްދަތަށް ބަހާލައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ. އެގޮތުން މިއަދު ހެނދުނު ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތުން ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތައް ވަނީ ފަށާފައެވެ. އުތީމުގައި ވިދިވިދިގެން ދެ އަހަރު ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، މިއީ އެ ރަށުގައި މި ދުވަސް ކުލަގަދަކޮށް ފާހަގަކުރާ ދެވަނަ އަހަރެވެ. މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހަވާއެރުވުމުގެ ކުޅިވަރަކީ ރަށުގެ ރައްޔިތުންނާއި އެކި ރަށްރަށުން ޒިޔާރަތްކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ގެނެސްދޭ ވަރަށް ކުލަގަދަ ހަރަކާތެކެވެ.
މި ހަރަކާތްތަކުގެ އިތުރުން، ކުޑަކުދިންނާއި އިސްރަށްވެހިންނަށް ޚާއްސަ ހަވީރެއް ބޭއްވުމާއި، ޘަޤާފީ ތަފާތު ކުޅިވަރުތަކާއި ބޮޑުބެރުގެ ޝޯތައް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކަށް އުތީމުގެ ބަނދަރު ސަރަޙައްދާއި މުޅި ރަށް ވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށް ތައްޔާރުކޮށްފައެވެ.


