އުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސްގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދާއި އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދެވެ.
މި އިޙްތިފާލުގެ ތެރެއިން ޤައުމީ ދިދަ ނެގުމުގެ އިތުރުން، ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުން އޮތެވެ. އަދި ރަސްމިއްޔާތު ނިންމާލާފައިވަނީ އެމްއެންޑީއެފްގެ ބޭންޑްޕާޓީން ހުށަހަޅައިދިން ޤައުމީ ސަލާމުންނެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ފަޚުރުވެރި ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.




