ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި އުސޫލާ ހިލާފަށް ކުނި އުކާލާ މީހުން ހޯދައި ފިޔަވަޅު އެޅުމަށްޓަކައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށައިފިއެވެ.
މި ފިޔަވަޅަކީ ފްލެޓުތައް ހިމެނޭ ސަރަހައްދުގައި ކުނި މެނޭޖުކުރުމުގެ ނިޒާމު ހަރުދަނާކޮށް، އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެކެވެ. އެފްޑީސީން މައުލޫމާތު ދޭ ގޮތުގައި، ޓަވަރުތަކުގެ އެކި ސަރަހައްދުތަކުގައި ކެމެރާ ހަރުކުރުމުގެ މައިގަނޑު ބޭނުމަކީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލާ ފަރާތްތައް ދެނެގަތުމެވެ.
ހާއްސަކޮށް، ފްލެޓުތަކުގެ ތިރިއަށާއި އާންމު ސަރަހައްދުތަކަށް ކުނި އެޅުމުގެ މައްސަލަ ބޮޑުވެފައިވާތީ، އެފަދަ އަމަލުތައް ހިންގާ މީހުން މޮނިޓަރުކޮށް، އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މި ނިޒާމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ. މި ޓަވަރުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ގަވާއިދާ ހިލާފަށް ބޮޑެތި ކުނި (ބަލްކް ވޭސްޓް) އާންމު ސަރަހައްދުތަކަށް ދޫކޮށްލާ މައްސަލަ މީގެ ކުރިން ވެސް ވަނީ ފާހަގަކުރެވިފައެވެ.
އެފްޑީސީގެ އެއްބަސްވުމުގައިވާ ގޮތުން، ފްލެޓުތަކަށް މީހުން ބަދަލުވާއިރު އުފެދޭ ބޮޑެތި ކުނިތައް އުކާލުމަކީ އެ ތަންތަނުގެ ވެރިން އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، އެ އުސޫލާ ހިލާފަށް ކުނި އަޅާ ފަރާތްތައް ހޯދައި ޖޫރިމަނާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ޓަވަރުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި ސީސީޓީވީ ނެޓްވޯކް ގާއިމުކުރުމުގެ އިތުރުން، ބޫމް ގޭޓްތައް ހަރުކުރުމާއި ކުނި އުކާލުމަށް ހާއްސަ ގާބޭޖް ޝޫޓްތައް ހެދުމުގެ މަސައްކަތް ވެސް އެފްޑީސީން ދަނީ ކުރަމުންނެވެ. މި ވަސީލަތްތަކުގެ ސަބަބުން ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަދި ސާފުތާހިރު މާހައުލެއް ކަށަވަރުވެގެންދާނެއެވެ.


