ބ. މާޅޮހުގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ. ދަރަވަންދޫ / މެޑޯޒް، މުޙައްމަދު ނިސާތު (41އ) އެވެ. މި މަހުގެ 11 ވަނަ ދުވަހު މާޅޮހު ފުލުހުން ހިންގި މި އޮޕަރޭޝަންގައި ރަށު މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން، އޭނާގެ އަތުގައި އޮތް އެއްޗެއް ވަނީ އެއްލާލާފައެވެ. ފުލުހުން އެ ނަގައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފައެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ނިސާތުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.




