މިއަދު ބާއްވާނެ ކަމަށް ކުރިން އަންގާފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަހު ވަގުތު ކެންސަލްކޮށް، އެކަން މަޖިލީހުގެ އިދާރާއިން މެންބަރުންނަށް އަންގައިފިއެވެ.
ރޭ ދަންވަރު 1:30 ގައި މެންބަރުންނަށް ފޮނުވި މެސެޖެއްގައި މިއަދުގެ ވަގުތެއްގައި ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފައިވީ ނަމަވެސް، ފަހުން ފޮނުވި މެސެޖެއްގައި ވަނީ މިއަދު ޖަލްސާ ނޯންނާނެ ކަމަށާއި ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ކަމަށް ބުނެފައެވެ.
މަޖިލީހުގައި މިވަގުތު ހުރި މުހިންމު މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވަނީ ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގެޭގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަށެވެ. މިއީ ކައުންސިލްތަކުގެ ބާރު ނިގުޅައިގަތުން ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމުން ދަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މި ބިލުގެ މަސައްކަތް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ނިންމަން ކޮމިޓީން ކަނޑައަޅާފައިވާއިރު، އިސްލާހަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިއަދު މުހު މެންދުރުފަހު 2:00 އެވެ. މި ބިލު ހިމެނޭހެން މުހިންމު މަސައްކަތްތަކެއް ނިންމުމަށްޓަކައި، އާންމުކޮށް އޮގަސްޓު 15 ގައި ނިމޭ މަޖިލީހުގެ މި ދައުރު އޮގަސްޓު 20 ގެ ނިޔަލަށް ދަންމާލަން އިއްޔެ ވަނީ 58 މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައެވެ.



