މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޯބަރު މަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިގުތިޞާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު ވިދާޅުވީ، މާލޭ ބަނދަރަކީ 40 އަހަރުވީ ތަނެއް ކަމަށާއި ނަމަވެސް ނިމިދިޔަ ސަރުކާރުތަކުން އެތަނުގެ ޚިދުމަތް ހަރުދަނާކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ބަނދަރަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް އިޤްތިޞާދު އިތުރު މިސްރާބަކަށް ގެންދިއުމަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި، އޮކްޓޫބަރުގައި ބައެއް އޮޕަރޭޝަންތައް ބަދަލުކުރެވި، އަންނަ އަހަރުގެ ނޮވެމްބަރާ ހަމައަށްދާއިރު ބަނދަރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ޚިދުމަތް ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ބެހޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ، ތިލަފުށީގައި ހަދާ 100 މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް އޮކްޓޫބަރަށް ނިމޭނެ ކަމަށެވެ. އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޝަފީޤު ވިދާޅުވީ، 80 މީޓަރުގެ ބާޖެއް ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ކްލިއަރކުރާ މުދާ ބޯޓަށް ލޯޑުކުރުމުގެ ޚިދުމަތްވެސް ތިލަފުށިން ދޭނެ ކަމަށެވެ.
އަދި މާލެއާއި ހުޅުމާލެއަށް މުދާ ގެންނަން ބޭނުންވާ ފަރާތްތަކަށް 24 ގަޑިއިރުގެ ތެރޭގައި އެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައާއި ތިލަފުށީގައިވެސް 100 މީޓަރުގެ ކީވޯލެއް އޮންނާނެތީ، އެއްވަގުތެއްގައި ދެ ބަނދަރުގައިވެސް އެއްވަރަކަށް މަސައްކަތް ހިނގާނެއެވެ. މި ޒިޔާރަތުގައި އިމްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނަށްވެސް ވަނީ ބަނދަރުގެ ޚިދުމަތްތައް ބަދަލުވާނެ ގޮތްތަކުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.




