2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
"އަސްލު ޓީވީ" ގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ހެޔޮ ހާލުގައި ހުރެއްޖެނަމަ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށާއި އެ ނިންމެވުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. ވެރިކަމުގެ ނިޒާމަށް "ބޮޑު ބަދަލެއް" ގެންނަން ބޭނުންވާ ސިޔާސަތަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންދާ ފައްޔާޒު އިތުރަށް ވިދާޅުވީ، ޤައުމާއި ޕާޓީގެ ހާލަތަށް ބަލައި އެހެން ގޮތަކަށް ކަންކަން ނިންމަން ޖެހިއްޖެ ހާލަތެއްގައި އެކަމަށް އެންމެ ފުރަތަމަ އެއްބާރުލުން ދޭނެ މީހަކަށް އޭނާ ވާނެ ކަމަށެވެ.
2028 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް ހާމަކުރައްވާފައިވާ ހަމައެކަނި ބޭފުޅަކީ ފައްޔާޒުއެވެ. ނަމަވެސް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދުވެސް މި ޕްރައިމަރީގައި ވާދަކުރެއްވުމަށް ތައްޔާރުވަމުންދާ ކަމަށް އަޑުފެތުރިފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.



