ހއ. ތުރާކުނުގައި ޤާއިމުކުރަމުންދާ ފެނައި ނަރުދަ ޤާއިމް ކުރުމުގެ މަސައްކަތްތައް ނިމުމަކާ ގާތްވެއްޖެއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްދިޔަ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ 100 އިންސައްތަ ނިންމާލާފައެވެ. އަދި މި ނިޒާމު އޮޕްރޭޓް ކުރުމުގެ ގޮތުން އޮޕަރޭޓަރާއި މި މަސައްކަތް ހަވާލުކުރުމުގެ ކަންކަން ވެސް ކުރިއަށްދާ ކަމަށެވެ.
މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ސާފު ބޯފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ތުރާކުނުގައި ފެން އުފައްދާ ޕްލާންޓް ހައުސްއާއި، ފެން ރައްކާކުރުމަށް ބޭނުންވާ ބޮޑެތި ތާނގީތައް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މި ނިޒާމު ހިންގުމަށްޓަކައި ޕްލާންޓް ހައުސްގެ ފުރާޅުގައި ސޯލާ ޕެނަލްތައް ވެސް ވަނީ ހަރުކޮށްފައެވެ. މިނިސްޓްރީން ވިދާޅުވި ގޮތުގައި، ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތްތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މި ނިޒާމު ކޮމިޝަން ކުރުމާއި، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ހިންގާ ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތަކެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމަށް ސަރުކާރުން ހިންގާ ސިޔާސަތުގެ ދަށުން، ތުރާކުނުގައި ފެނުގެ ޚިދުމަތް ރަސްމީކޮށް ފެށުމުން ރަށުގެ ގޭބިސީތަކަށާއި މުއައްސަސާތަކަށް ރައްކާތެރި ސާފު ބޯފެން ލިބިގެންދާނެއެވެ. މިއީ ރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، ޞިއްޙީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވެސް ރަށަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މި މަޝްރޫޢު އެއްކޮށް ނިމި ޚިދުމަތް ދޭން ފެށުމުން، ތުރާކުނަކީ އަސާސީ ޚިދުމަތްތައް ފުރިހަމަވެފައިވާ ރަށަކަށް ވެގެންދާނެއެވެ.




