މާލީ ބާޒާރަށް އިތުރު ލުޔެއް ހޯދައިދިނުމާއި ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން ފަސޭހަކުރުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ވަނީ ނިންމައިފައެވެ.
މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާއަށް އަމަލުކުރާ މި ބަދަލަކީ، މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެކެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އައި މަޑުޖެހުމާއެކު، މިދިޔަ ފެބުރުވަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭއިން ދަނީ މަސައްކަތްކުރަމުންނެވެ.
ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް މީގެ ކުރިންވެސް އެމްއެމްއޭއިން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޒަރޫރީ ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި އަގުތައް ހިފެހެއްޓުމަށް ބޭންކުތަކަށް ދޫކުރާ ޑޮލަރު 32 އިންސައްތަ އިތުރުކުރިއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ހަފުތާއަކު ދޫކުރާ ޑޮލަރުގެ މިންވަރު 26 އިންސައްތަ ވަނީ އިތުރުކޮށްފައެވެ.



