ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ބ. ދަރަވަންދޫއަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ދަރަވަންދޫއަށް ވަނީ 93 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ އެ އަތޮޅު ގޮއިދޫއަށެވެ. އެ ރަށަށް 64.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
މީގެ އިތުރުން، މި ވިއްސާރައިގައި އއ. ތޮއްޑޫއަށް 57.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ނ. މާފަރަށް ވަނީ 56.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރާ ވިއްސާރައަކަށް ވާއިރު، މިއަދުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ގުރަގަޅު ޖަހާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. މިކަމާ ގުޅިގެން މުޅި ރާއްޖެއަށް މިހާރު ވަނީ ހުދު ސަމާލު (ވައިޓް އެލާޓް) ވެސް ނެރެފައެވެ.



