ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ "ކުރަނގި އޮޕަރޭޝަން" ގެ ދަށުން ބޮޑެތި ކުރިއެރުންތަކެއް ހޯދައި، މިހާތަނަށް މައުލޫމާތު އަދާހަމަނުކުރެވި ބާކީ ތިބީ އެންމެ 1،102 ބިދޭސީން ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު ޢަބްދުލްޤާދިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ވަނީ މި އޮޕަރޭޝަނުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތާއި ހޯދިފައިވާ ކާމިޔާބީތައް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ވަޒީރު އިހުސާން ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި 295،678 ބިދޭސީން ދިރިއުޅެމުންދިޔައެވެ. ނަމަވެސް އޭގެ ތެރެއިން ރެކޯޑުތަކުން އެނގެން ހުރީ އެންމެ 27،200 ބިދޭސީންގެ މައުލޫމާތެވެ. ބާކީ ތިބި 272،000 އެއްހާ ބިދޭސީންނަކީ އެއްވެސް ލިޔެކިޔުމެއް ނެތި، ކާކުކަން ނޭނގޭ ގޮތަށް އުޅެމުންދިޔަ މީހުންނެވެ. އެހެންނަމަވެސް ފާއިތުވީ ދެ އަހަރާއި ބައިގެ ތެރޭގައި ކުރެވުނު ބުރަ މަސައްކަތުން، މިހާރު ވަނީ އޭގެ ތެރެއިން 294،000 އަށްވުރެ ގިނަ ބިދޭސީންގެ ސައްހަ މައުލޫމާތު ނަގައި ނިޒާމުގެ ތެރެއަށް ވައްދާފައެވެ.
2024 ވަނަ އަހަރު ފެށި "އޮޕަރޭޝަން ކުރަނގި" ގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ފޮޓޯއާއި 10 އިނގިލީގެ ނިޝާން ނަގައި ބަޔޯމެޓްރިކަލީ ދެނެގަތުމެވެ. މީގެ އިތުރުން ވިސާ އޮވެ، ހުއްދަ ނޫން މަސައްކަތްކުރާ މީހުންނާއި، ސައްހަ ވޯކްޕާމިޓެއް ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުން ހިމެނެއެވެ. މިހާރު މި އޮޕަރޭޝަނުގެ ތިންވަނަ ފިޔަވަހި ފަށައިގެން ކުރިއަށްދާއިރު، މައުލޫމާތު ނުދީ ބާކީ ތިބި މަދު ބިދޭސީން ހޯދުމުގެ މަސައްކަތް ނިމުމުން، ރާއްޖޭގެ ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.



