ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ކުޅިވަރު ޓީމުގައި ހަރަކާތްތެރިވާ ކުޅަދާނަ ނޫސްވެރިޔާ ސާއިދު އަހުމަދު ހާލު ވަރަށް ބޮޑަށް ދެރަވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ވަނީ ފަށައިފައެވެ.
ދެ ކިޑްނީ ފެއިލްވެގެން ގަވާއިދުން ފަރުވާ ހޯދަމުން އަންނަ ސާއިދުގެ ހާލު ދެރަވީ އާދައިގެ މަތިން ޑައިލިސިސް ހަދަން ހޮސްޕިޓަލަށް ދިޔަ ތަނާއެވެ. ސާއިދުގެ ހާލު ސީރިއަސްވެފައި މިވަނީ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށްޓަކައި ޑޯނަރެއްވެސް ހަމަޖެހި، ޓްރާންސްޕްލާންޓް ހެދުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ.
ސާއިދުގެ ދެ ކިޑްނީ ވެސް ފެއިލްވެފައިވާކަން އެނގުނީ އިންފެކްޝަނެއް އުފެދިގެން ޑޮކްޓަރަށް ދެއްކުމުން 2018 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭގެ ފަހުން އޭނާ ވަނީ އެކަމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ހޮސްޕިޓަލްތަކުން ފަރުވާ ހޯދައިފައެވެ. ސަންއެފްއެމް މެދުވެރިކޮށް 2009 ވަނަ އަހަރު ނޫސްވެރިކަމުގެ ދާއިރާއަށް ނުކުތް ސާއިދަކީ 2015 ވަނަ އަހަރުން ފެށިގެން ޕީއެސްއެމްގައި މަސައްކަތް ކުރަމުން އަންނަ، ކުޅިވަރު ނޫސްވެރިކަމުގައި އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ބޭފުޅެކެވެ.



