ކުރީގެ ސަރުކާރުގައި ސިއްޙީ ދާއިރާގެ ގިނަ މަޝްރޫޢުތަކެއް ފަށައި ކޮންޓްރެކްޓަރުންނަށް ފައިސާ ދޫކުރި ނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫޢުތަކުގެ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.
އެގޮތުން، މަސައްކަތް ނުފެށި ހުރި 16 މަޝްރޫޢެއްގެ ކޮންޓްރެކްޓް ބާތިލުކޮށްފައިވާއިރު، އެ މަޝްރޫޢުތަކުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރި 60 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ އިސްރާފުވެފައެވެ. ވަޒީރު ވިދާޅުވީ، ޤާނޫނީގޮތުން އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރައްވަމުންދާ ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހުއްޓިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ގޮތްތައް ހޯއްދަވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި މިހާރު ސަރުކާރުން މަޝްރޫޢުތައް ކުރިއަށްގެންދަނީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށާއި، އެގޮތުން ރަށްރަށުގެ ސިއްޙީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި ލެބޯޓްރީތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ މުއްދަތުގައިވެސް ސިއްޙީ ޚިދުމަތްތަކަށް ބުރޫނާރާނެހެން އިންސާނީ ވަސީލަތްތަކާއި ނިޒާމުތައް ގާއިމުކޮށް، ރައްޔިތުންނަށް ރަނގަޅު ސިއްޙީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.




