ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ މެންބަރުންގެ ތެރެއިން ދެ މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައިފައެވެ. އެލްޖީއޭގެ ބޯޑުގެ ތިން މެންބަރެއްގެ މަޤާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ.
ރައީސް އޮފީހުން ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެން މަޖިލީހަށް ނަން ފޮނުއްވާފައިވަނީ ދެ ދާއިރާއަކުންނެވެ. އެއީ މިންތީގެ ހަމަހަމަކަން ނުވަތަ ޖެންޑަރ އިކުއަލިޓީގެ ދާއިރާއިންނާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއެވެ. އެގޮތުން ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރެއްގެ ގޮތުގައި އައްޔަންކުރެއްވުމަށް ފޮނުއްވީ ގދ. ގައްދޫ، ތިބުރޯޒުގެ އައިޝަތު އާރިފާގެ ނަންފުޅެވެ. އަދި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ހުށަހަޅުއްވާފައިވަނީ ށ. ކަނޑިތީމު، ރަތްވިލާގެ މުޙައްމަދު އާރިފްގެ ނަންފުޅެވެ. މި ދެ ދާއިރާގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ ދާއިރާއިން އައްޔަންކުރާ މެންބަރުގެ މަގާމަށް ކުރިމަތިލާންވެސް ރައީސް އޮފީހުން ވަނީ ހުޅުވާލައިފައެވެ.
ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭގެ ބޯޑަކީ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން މުހިންމު ފަރާތްތަކެއް ހިމެނޭ ބޯޑެކެވެ. މީގެ ތެރޭގައި ޖެންޑަރ އިކުއަލިޓީ، ގަވަރނަންސް އަދި މަދަނީ ޖަމްޢިއްޔާތަކުގެ ދާއިރާއިން އައްޔަންކުރާ ތިން މެންބަރުންގެ އިތުރުން، ސިޓީ ކައުންސިލަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސުންނާއި، ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރުން ހިމެނެއެވެ. މީގެއިތުރުން ފިނޭންސް މިނިސްޓަރު ކަނޑައަޅުއްވާ އެ ވުޒާރާގެ މުވައްޒަފަކާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވެސް މި ބޯޑުގައި ތިއްބަވައެވެ.




