ސަރަހައްދީ ފެންވަރުގައި ބާއްވާ ހޭނައްތާ ޑޮކްޓަރުންގެ ބޮޑު ކޮންފަރެންސެއް 200 އަށްވުރެ ގިނަ މަންދޫބުންނާއެކު ރާއްޖޭގައި ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ މައިގަނޑު ބައްދަލުވުންތައް އއ. އުކުޅަހުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މީގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށްޓަކައި ދިވެހި ޑޮކްޓަރުންނަށް އަމާޒުކޮށްގެން ހާއްސަ ފަންނީ ތަމްރީނުތަކާއި ވޯކްޝޮޕްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.
ބައިނަލްއަގުވާމީ ތަޖުރިބާކާރުން މެދުވެރިކޮށް މާލެ ސަރަހައްދުގެ ހަތަރު ހޮސްޕިޓަލެއްގައި އެއްފަހަރާ ކުރިއަށް ގެންދާ މި ވޯކްޝޮޕްތަކުގައި ބައިވެރިވުމަށް 120 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން މިހާތަނަށް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗްގައި ރީޖަނަލް އެނެސްތީސިއާ، ހުޅުމާލެ ހޮސްޕިޓަލުގައި ކްރިޓިކަލް ކެއާ، އޭޑީކޭގައި އެއާވޭއި މެނޭޖްމަންޓް އަދި ޓްރީޓޮޕް ހޮސްޕިޓަލުގައި ކްރޮނިކް ޕެއިން މެނޭޖްމަންޓް ވޯކްޝޮޕްތައް ކުރިއަށްދާނެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑިރެކްޓާ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ، މިފަދަ ބައިނަލްއަގުވާމީ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވުމުން ހޭނައްތާ ދާއިރާގެ ފަންނީ ގާބިލްކަން އިތުރުވެ، ސިއްހީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ރާއްޖޭގައި މި ދާއިރާގެ ދިވެހި ޑޮކްޓަރުން މަދުކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ، 80 ގެ އަހަރުތަކުގައި އެންމެ ޑޮކްޓަރަކު ހުރި ނަމަވެސް، މިހާރު 11 ދިވެހި ޑޮކްޓަރުން މި ދާއިރާގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މީގެ އިތުރުން، މި ކޮންފަރެންސަކީ ރާއްޖޭގެ މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، ސިއްހީ ދާއިރާގެ ތަރައްގީއާއެކު ގައުމުގެ އިގްތިސާދަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުން ސިއްހީ ދާއިރާގެ ފެންވަރު މަތިކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ލިބިގެންދާ އިތުރު ކުރިއެރުމެކެވެ.



