ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ހަތަރު ވަނަ ބުރަށް ބައިވެރިން ހޮވުމުގެ މަސައްކަތް ސިފައިން ވަނީ ރަސްމީކޮށް ފަށައިފައެވެ.
ޑިފެންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި އާ ބުރަށް ބައިވެރިން ހޮވުމުގެ ކަންކަން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. ސިފައިންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ހަތަރު ވަނަ ބުރުގެ ސިލެކްޝަން މަރުހަލާގައި އިސްކަންދީގެން ފުރުޞަތު ދީފައިވަނީ، ތިން ވަނަ ބުރަށް ހުޅުވާލި ފުރުޞަތުގައި ޖާގަ ނުލިބުނު ކުދިންނަށެވެ.
މިހާރު މާލެ ހިމެނޭހެން ރާއްޖޭގެ 13 ސަރަޙައްދެއްގައި ބައިވެރިން ހޮވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މި މަސައްކަތުގައި އެމްއެންޑީއެފްގެ ހަ ޓީމަކުން ދަނީ އެކި ސަރަހައްދުތަކުގައި އަމަލީގޮތުން ހަރަކާތްތެރިވަމުންނެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ އިސްލާމްދީނަށް ލޯބިކުރާ، އަދި ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ފެއްޓެވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތިން ވަނަ ބެޗުގެ ތަމްރީނުތައް މިހާރު ކުރިއަށްދާއިރު، އެ ބެޗުގައި ރާއްޖޭގެ 112 ރަށަކުން ޖުމްލަ 352 ބައިވެރިން އަންނަނީ ތަމްރީނު ފުރިހަމަކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 288 ފިރިހެން ބައިވެރިންނާއި 64 އަންހެން ބައިވެރިންނެވެ.




