ސަޕްލައި ދޯންޏަކުން މީހުން ސަލާމަތްކުރަން އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ރާއްޖެއާ ގާތް ގުޅުން އޮންނަ ގައުމުތަކުގެ ފަންނީ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ބޭރުގެ އެހީ ނުހޯދައިގެން އާންމުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައި ފޮރިން މިނިސްޓްރީން ބުނީ، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެންމެ އިސްކަމެއް ދެނީ ގެއްލުނު މީހުން ހޯދުމަށް ކަމަށާއި، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުންކޮށްގެން އެ މަސައްކަތް މެދުކަނޑާނުލައި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މި ހާދިސާއަކީ "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް ތ. މަޑިފުއްޓާއި ތިލަފުށިން ހިލައާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ ހާދިސާއެކެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ހާދިސާ ހިނގި އިރު ދޯނީގައި ތިބި 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، އެހީތެރިކަން ފޯރުކޮށްދީ މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފުލުހަކާއި ސިފައިންގެ މީހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ. ގެއްލިގެން ހޯދަމުންދަނީ ނ. މަނަދޫ، ސާޖަންޓް ޢަލީ ނާފިއު (33 އަހަރު) އާއި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހިމް އަޙްމަދު (39 އަހަރު) އަދި ދޯނީގެ ކައްޕި ތ. މަޑިފުށި، މުޙައްމަދު ހަމްދޫން (35 އަހަރު) އެވެ.
ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ކޯސްޓްގާޑުގެ އިތުރުން ވައިގެ މަގުން ޔޫއޭވީ (ޑްރޯން) އާއި މޯލްޑިވިއަންގެ ފްލައިޓްތައް ބޭނުންކޮށްގެން ދަނީ ބޮޑު ސަރަހައްދެއް ބަލައިފާސްކުރަމުންނެވެ. މި ހާދިސާއާއެކު މުޅި ސޯޝަލް މީޑިއާގައި އާންމުން ދަނީ އެ ތިން މީހުން ސަލާމަތުން ފެންނާނެ ކަމަށް އެދި ހެޔޮ ދުއާތައް ކުރަމުންނެވެ.




