ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު މިހާރުގެ ހާލަތާއި އެތަނުގެ ހިންގުމާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކޮށް، މައުލޫމާތު ސާފުކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.
މި ސިޓީ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. ސިޓީގައި މައިގަނޑު ގޮތެއްގައި އެދިވަޑައިގެންފައިވަނީ ސެންޓަރުން ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ މީހުންގެ އާއިލާތަކުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ ހަގީގަތް ސާފުކުރުމަށެވެ.
އެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ސެންޓަރުގައި ނިޒާމީ ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުން ފަރުވާ ހޯދާ މީހުންގެ ރައްކާތެރިކަމާއި އިންސާނީ ކަރާމާތަށް ބުރޫއަރައި، އަލުން މުޖުތަމައަށް ނުކުތުމަށް ކުރާ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ. އެގޮތުން ތަނުގެ ސާފުތާހިރުކަން ކުޑަވުމާއި، ކާބޯތަކެތީގެ ފެންވަރާއި، ފާހާނާއާއި ނިދާ ކޮޓަރިތަކުގެ ހާލަތު ގޯސްވުމުގެ އިތުރުން، އެކަށީގެންވާ ވަރަށް ކައުންސިލަރުންނާއި މެޑިކަލް ސްޓާފުން ނެތް ކަމަށް ދެކެވޭ ވާހަކަތަކުގެ ތެދުހަގީގަތް ހާމަކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ފަރުވާއެއް ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމުން، އާންމު މަސްލަހަތާ ގުޅުންހުރި މި މައުލޫމާތުތައް އަވަސް މުއްދަތެއްގެ ތެރޭގައި ހާމަކޮށްދެއްވުމަށް ސިޓީގައި އެދިވަޑައިގެންފައިވެއެވެ.
ރިހެބިލިޓޭޝަން ސެންޓަރުތަކުގެ ހާލަތު ދަށަށް ގޮސްފައިވާކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުންވެސް މީގެ ކުރިން ވަނީ ގަބޫލުކުރައްވާފައެވެ. އެގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި މުވައްޒަފުންނާއި ނަފުސާނީ ފަރުވާދޭނެ މީހުން މަދުވުމުގެ އިތުރުން، ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ފަރުވާގެ ނިޒާމު އޮތީ ވަރަށް ނިކަމެތި ހާލަތެއްގައިކަން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޝިދު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ހިންމަފުށީ ސެންޓަރުގައި އެންމެ އެދެވޭ ގޮތެއްގައި ފަރުވާގެ ކަންކަން ކުރިއަށް ނުދާކަން ހޯމް މިނިސްޓަރު އަލީ އިހުސާންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. އަދި އެތަނުގައި ހުރި ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައި، ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭވަރުގެ އާ ރިހެބިލިޓޭޝަން ސެންޓަރެއް ހިންމަފުށީގައި ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.



