ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގެ ހާލަތާއި ދެވޭ ފަރުވާގެ ފެންވަރާ މެދު ފަރުވާ ހޯދާ ފަރާތްތަކާއި އާއިލާތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާނަށް ޖުމްލަ 10 ސުވާލެއް ހުށަހަޅުއްވާފައެވެ.
މެންބަރު ކުޑޫ ހުށަހެޅުއްވި މައިގަނޑު ކަންބޮޑުވުންތައް
-
އިމާރާތާއި މާހައުލުގެ ހާލަތު: ސެންޓަރުގެ އިމާރާތް ބޭނުންނުކުރެވޭ ވަރަށް ބާވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި، ސާފުތާހިރުކަން ކުޑަވުމާއި، ނިދާ ކޮޓަރިތަކާއި ފާޚާނާތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ސާފުކުރުން.
-
ކާބޯތަކެތީގެ ފެންވަރު: ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ކާބޯތަކެތީގެ ފެންވަރު ރަނގަޅު ކުރުމަށް އެޅޭ ފިޔަވަޅުތައް.
-
ފަރުވާގެ މިންގަނޑު: ދެވޭ ފަރުވާތަކަކީ ޒަމާނީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ، އަދި ޔޫއެންއޯޑީސީ އާއި ޑަބްލިއުއެޗްއޯގެ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކަށް ފެތޭ ފަރުވާތަކެއްތޯ ކަށަވަރުކުރުން.
-
މުވައްޒަފުންގެ ގާބިލުކަމާއި ދުޅަހެޔޮކަން: ފަރުވާދޭ މުވައްޒަފުންގެ ތަމްރީނާއި ގާބިލުކަން ބެލޭނެ ނިޒާމުތައް ހުރިތޯއާއި، ނަފުސާނީ ބަލިތަކަށް އެހީތެރިވާ މުވައްޒަފުންގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހުރި މެކޭނިޒަމްތައް.
"މަސްތުވާތަކެއްޗާބެހޭ ގާނޫނާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ފަރުވާ ބޭނުންވާ ކޮންމެ މީހަކަށް ރައްކާތެރި އަދި އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ މާހައުލެއް ކަށަވަރުކޮށްދިނުން މުހިންމު. މި މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ފަރުވާގެ ނަތީޖާ ގެއްލި، އަލުން އެ ވަބާގެ ތެރެއަށް މީހާ ދިއުމަށް މަގުފަހިވާނެ." މެންބަރު ކުޑޫ
ހިންމަފުށީގައި މިހާރު ހުރި ސެންޓަރުން އެންމެ އެދެވޭ ގޮތުގައި ފަރުވާގެ ކަންކަން ކުރިއަށް ނުދާކަން ގަބޫލުކުރައްވައި، އެ ތަނުގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެ ކުރިން އިއުލާން ކުރައްވާފައެވެ.




