ނ. ވެލިދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް މުޅިން ނިންމައި، އެ ތަން މިހާރު ވަނީ ރަސްމީކޮށް ހުޅުވައިފައެވެ.
މި ޕާކު ހުޅުވުމަށްޓަކައި ވެލިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމްއާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ދިރެކްޓަރު އިބްރާހިމް ނަޡީމްއެވެ.
މިއީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާރުޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން އާރުޑީސީން ވަނީ ކުޑަކުދިންގެ ޕާކަށް ބޭނުންވާ އެންމެހައި ކުޅޭ ސާމާނާއި ޕާކްސެޓްތައް ސަޕްލައިކޮށް، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، ކުދިންނަށް ރައްކާތެރި އަދި ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމުގެ ގޮތުން ޕާކުގެ ލޭންޑްސްކޭޕިންގގެ ހުރިހާ މަސައްކަތްތަކެއްވެސް އެ ކުންފުނިން ވަނީ ކާމިޔާބުކަމާއެކު ކޮށް ނިންމައިފައެވެ. މި ޕާކާއެކު ރަށުގެ ކުޑަކުދިންނަށާއި އާއިލާތަކަށް ހިތްހަމަޖައްސާލުމަށް ޚާއްޞަ އެކަށީގެންވާ މާހައުލެއް ލިބިގެންދާނެއެވެ.



