"ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށް ދިއުމާ ގުޅިގެން ގެއްލުނު ތިން މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ ވަރުގަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ތިން މީހުންގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދެއްވާ ގޮތުގައި، ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަނުގައި ވައިގެ މަގުން 5,212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައިފައެވެ. އަދި ކަނޑުމަގުން 1,070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. މޫސުން ގޯސްވުމާއި ކަނޑުގަދަވުމުގެ ސަބަބުން ސާޗް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، ކޯސްޓްގާޑުގެ އުޅަނދުފަހަރާއި ވައިގެ ސިފައިން ދަނީ މެދުކެނޑުމެއްނެތް އޮޕަރޭޝަނެއް ހިންގަމުންނެވެ.
ކޯސްޓްގާޑުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރާއި، ކައިރި ރަށްރަށުގެ މަސްވެރިންނާއި އާންމުންވެސް ކަނޑުގެ ސަތަހައަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، އެއްވެސް މައުލޫމާތެއް ނުވަތަ ޝައްކުކުރެވޭ އެއްޗެއް ފެނިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް އެންގުމަށް އެދިފައެވެ. ގެއްލިގެން ހޯދަމުންދާ ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ސިފައިން ދީފައިވާއިރު، އެ ސަރަހައްދުގެ އޮއިވަރާއި ވައި ހުރިގޮތަށް ބަލައިގެން ސާޗް އޭރިއާ އިތުރަށް ފުޅާކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.



