ފިނޭންސް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، ސްޓޭޓް ޝެއާ ހޯލްޑިންގް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޓެކްނިކަލް މަސައްކަތްތައް ކުރުމަށް "ޗީފް އެސްއޯއީ ފައިނޭންޝަލް އެންޑް ބިޒްނަސް ސްޓްރެޓަޖިސްޓް" ގެ މަގާމަށް ކޮންޓްރެކްޓް މުވައްޒަފެއް ނެގުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިއުލާނުކޮށްފައެވެ.
މި މަގާމުގައި ހުންނަ ފަރާތަކަށް މަހަކު ގާތްގަނޑަކަށް 46،000 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގައި 23،825 ރުފިޔާއާއި، އެލަވަންސްގެ ގޮތުގައި 15،690 ރުފިޔާ އަދި ހާޒިރުވާ ކޮންމެ ދުވާލަކަށް 370 ރުފިޔާއެވެ. މި މަގާމުގެ މައިގަނޑު ޒިންމާތަކުގެ ތެރޭގައި އެސްއޯއީތަކުގެ ހާލަތު މޮނިޓާކުރުމާއި، ގެންނަންޖެހޭ ރިފޯމްތައް ގެނެސް މާލީ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ އިތުރުން ގަވަނެންސް ހަރުދަނާކުރުން ހިމެނެއެވެ.
މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އައިޑީ ކާޑު، ސީވީ، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކާއެކު "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އީމެއިލް މެދުވެރިކޮށް ފޮނުވަންޖެހެއެވެ. މި މަގާމަށް މުވައްޒަފަކު ހޯދަން އިއުލާނުކުރިއިރު، ސަރުކާރުގެ ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާ، އަދި ކޮރަޕްޝަނާއި މެންޑޭޓުން ބޭރުން މަޝްރޫއުތައް ހިންގުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކުންފުނިތަކެކެވެ.



