ރައްޔިތުން ދައުލަތުގެ މާލިއްޔާއަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ ނުވަތަ ތަރައްޤީގެ ބައިވެރިން ދިއްކޮށްލާ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަޤްޞަދުގައި ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި ބޭއްވި 'ސިޑްސް އެސްއޭއައި' ސިމްޕޯޒިއަމް ނިންމުމާއި 'އައިޑީއައި' ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވިލުންތެރި ދައުލަތްތަކާއި ހަރުދަނާ ޑިމޮކްރަސީތަކެއް މުސްތަޤުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަމާއި ދެފުށްފެންނަ އުސޫލުތައް އިސްކޮށް، އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި، އެއީ ޤައުމީ އަދި އިސްތިރާޖީ މުދަލެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުދި ޖަޒީރާ ޤައުމުތަކަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން، ބޭރުގެ ފިއްތުންތަކާއެކުވެސް ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވެރިކަން ހިންގުމުގެ ނިޒާމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވާ ގިނަ މައްސަލަތަކުގެ ހައްލު ޑިޖިޓަލް ބަދަލުތަކުން ލިބިގެންދާނެ ކަމަށެވެ. އެގޮތުން 'މޯލްޑިވްސް 2.0' މެދުވެރިކޮށް ޒަމާނީ، ލުއިފަސޭހަ ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ 2026-2029 ގެ ސްޓްރެޓީޖިކް ޕްލޭންވެސް އިފުތިތާޙުކޮށްދެއްވާފައެވެ.




