ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް އިސްލާހު ހުށަހަޅައިފިއެވެ.
އަމިއްލަ މެންބަރެއްގެ ގޮތުގައި މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރެވެ. މި އިސްލާހުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި، ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމެވެ.
މި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ބިންތަކުގައި ސަރުކާރުން މަޝްރޫޢުތައް ހިންގުމަށްޓަކައި، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. އަދި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިންވެސް މިފަދަ ބިންތައް ސަރުކާރަށް ނެގޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ ޖަމާޢީ މަންފާއަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި، މަޤްބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢުތަކަށް ހުރަސްއެޅުމާއި ހުއްޓުވުން ކައުންސިލްތަކަށް މަނާކުރުމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ސަރުކާރުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކަށް ބައެއް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުން އެއްބާރުލުން ނުލިބޭކަމަށް އެކި ވުޒާރާތަކުން ވަނީ ފާހަގަކޮށްފައެވެ. މީގެ ސަބަބުން ބައެއް މަޝްރޫޢުތައް ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުގެންދެވި، ތަރައްޤީގެ މަސައްކަތްތަކަށް ދަތިތަކާ ދިމާވާތީ، ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމަކީ މި ބިލު ހުށަހެޅި މުހިންމު ސަބަބެކެވެ.



