ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބަހައްޓާނެ ގުދަންތައް ތަރައްޤީކުރުމުގެ ވިސްނުން އެބަހުރިކަމަށް ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު ވަނީ ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝާހް ވިދާޅުވީ، ލޮޖިސްޓިކް ކަންކަން ރަނގަޅުކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ގުދަން ހެދުމުގެ މަސައްކަތް މިހާރު އުޅެނީ ޕްލޭނިން މަރުހަލާގައި ކަމަށެވެ. އަދި މިވަގުތު މަސައްކަތް ކުރަމުންދަނީ މައި ގުދަނުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޭސް ފޮނުވުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބޭސް ރައްކާކުރާނެ ގުދަންތައް ތަރައްޤީކުރުމުގެ އިތުރުން، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ. އެގޮތުން ގެންނަ ބޭހަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގީ މިންގަނޑުތަކަށް ފެތޭ، ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމަށްޓަކައި ބޭސް އުފައްދާ އިތުރު ކުންފުނިތަކާއެކު މަސައްކަތްތައް ވަނީ ފަށާފައެވެ.
ރާއްޖެއަށް އެތެރެކުރާ ބޭހާއި ސްޓޮކްގައި ހުންނަ ބޭސް ދެނެގަތުމަށްޓަކައި ޚާއްޞަ ސިސްޓަމެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ސްޓޭޓް ފާމާއިން ދަނީ ކުރަމުންނެވެ. އެގޮތުން ތަރައްޤީކުރާ ސިސްޓަމްގެ ފުރަތަމަ މަރުހަލާ ނިމިފައިވާއިރު، ދެވަނަ މަރުހަލާގެ މަސައްކަތްތައް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން ބޭސް ހުރި ތަންތަން ފަސޭހައިން އެނގި، ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް އިތުރަށް އަވަސްވެގެންދާނެއެވެ.




