ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އެނިމަލް ކެއާ ފެސިލިޓީ "އޮޅުހިޔާ" ގައި ބުޅާ ގެންގުޅޭ ބައި ބެލެހެއްޓުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އޮޅުހިޔާ އެއް އަހަރު ދުވަހުގެ މުއްދަތަށް އެ މިނިސްޓްރީއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ 11:00 އާ ހަމައަށް މިނިސްޓްރީއަށް ހާޒިރުވުމަށް ވަނީ އެދިފައެވެ. އަދި މިނިސްޓްރީގެ ނަންބަރު 3309239 ނުވަތަ 3309331 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެއެވެ.
އޮޅުހިޔާ ހިންގާނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ އޭރުގެ އެނިމަލް ވެލްފެއާ މިނިސްޓްރީން އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް، އެ އިއުލާން ބާތިލުކުރުމަށްފަހު ޖުލައި މަހު އަލުން އިއުލާންކުރިއެވެ. މިއަހަރުގެ އޭޕްރިލް މަހު ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކާއެކު އެނިމަލް ވެލްފެއާ މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ވަނީ ފިޝަރީޒް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާ ގިނަވެ، އާންމު ހިނގާބިނގާވެ އުޅުމަށް ދަތިވުމުގެ އިތުރުން، ބުޅަލަށް އަނިޔާކުރުމާއި މެރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން ގާއިމުކުރި މި ފެސިލިޓީއަކީ އެޗްޑީސީން މާލޭ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައި ބިނާކުރި ތަނެކެވެ. އެ ތަނުގެ މަސައްކަތް ނިމިފައިވަނިކޮށް، ފެސިލިޓީގެ ހިންގުން ވަނީ ސިޓީ ކައުންސިލުގެ އަތުން ސަރުކާރުގެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.




