ދިވެހިރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ފުރަތަމަ ރެސިޑެންޓް ސަފީރު އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީއަށް އަރުވައިފިއެވެ.
ގަތަރުގެ ދޯހާގައި ހުންނަ ލުސައިލް ގަޑުވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމަށްފަހު، ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ގަތަރުގެ އަމީރަށާއި އެގައުމުގެ ރައްޔިތުންނަށް ހޫނު މަރުހަބާއަކާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ތަރައްގީއަށް ގަތަރުން ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ސަފީރު އާދަމް ޝަރީފް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ތަފާތު ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ގަތަރުގައި ރާއްޖެ ތަމްސީލުކުރެއްވުމަކީ ލިބިވަޑައިގެންނެވި ބޮޑު ފަޚުރެއްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ އެކުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރިހަމައަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީ ވަނީ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި އާ ސަފީރުގެ ދައުރުގައި ރާއްޖެއާއި ގަތަރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އިތުބާރު އޮތްކަމަށް އަމީރު ފާހަގަކުރެއްވިއެވެ. ގަތަރުގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށް، ރެސިޑެންޓް ސަފީރަކު އައްޔަނުކުރުމަކީ ދެ ގައުމުގެ ސިޔާސީ އަދި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން ނިންމެވި މުހިންމު ނިންމެވުމެކެވެ.
މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ މުހައްމަދު ތަހުސީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.



