ޤައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިންގުން އިތުރަށް ޒިންމާދާރުކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމުގެ ގޮތުން އެ ބޭންކުގެ އިދާރީ އޮނިގަނޑަށާއި އެގްޒެކްޓިވް ޓީމުގެ މެންބަރުންގެ ދައުރަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ. ބޯޑު އޮފް ޑައިރެކްޓަރުންގެ ހުއްދައާއެކު ގެނެވުނު މި ބަދަލުތަކަށް މިއަދުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.
ސީނިއަރ މެނޭޖުމަންޓުގެ 4 މެންބަރެއްގެ މަސްއޫލިއްޔަތު ބަދަލުކުރުން
ބީއެމްއެލްއިން ހާމަކުރި ގޮތުގައި، ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް އެކުލަވާލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކަށް ދިއުމަށްޓަކައި ގެނައި މި ބަދަލުގެ ދަށުން، ސީނިއަރ މެނޭޖުމަންޓް ޓީމުގެ ހަތަރު މެންބަރަކު ކުރިއަށް އޮތް 6 މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ވަނީ ހަވާލުވެވަޑައިގެންފައެވެ.
އައު އޮނިގަނޑުގެ ދަށުން ހަވާލުކުރެވުނު މަސްއޫލިއްޔަތުތަކަކީ:
-
އައިޝަތު ޒަމްރާ ޒާހިރު — ޗީފް ކޮމަރޝަލް އޮފިސަރު
-
މޫސާ ނިމާލް — ޗީފް މާކެޓިންގ އޮފިސަރު
-
ރަޝްފާ ޖައުފަރު — ޗީފް ރިސްކް އޮފިސަރު
-
ގެރީ ލޯޓަން — ޗީފް ކްރެޑިޓް އޮފިސަރު
ލީޑަޝިޕް ވަރުގަދަކުރުމަށާއި ދިވެހި ހުނަރު ބިނާކުރުމަށް އެޅި ފިޔަވަޅެއް
މި ބަދަލުތަކާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިއީ ބޭންކުގެ ކުރިއެރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ބީއެމްއެލް މިވަގުތު އޮތީ މާލީގޮތުން ވަރަށް ހަރުދަނާ ހާލަތެއްގައި ކަމަށެވެ. އަދި ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ ހުނަރު އިތުރުވެ، މުޅި މުއައްސަސާއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުން. އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރާ އިންވެސްޓްމަންޓެއް. މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް،" ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
ކަސްޓަމަރުންނަށް ދޭ ޚިދުމަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ
ހިންގުމުގެ އޮނިގަނޑަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓުތަކާއި، ޚިދުމަތްތަކާއި، ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ބީއެމްއެލްއިން ވަނީ ދީފައެވެ.




