ލޭ ދޭ ފަރާތްތަކުގެ ލޭގައި އެއްވެސް ބައްޔެއް ހުރިތޯ ބެލުމަށްޓަކައި އެންމެ ޒަމާނީ ވަސީލަތް ކަމަށްވާ ނިއުކްލިއިކް އެސިޑް ޓެސްޓިން (ނެޓް) ގެ ހިދުމަތް ރާއްޖޭގައި ފެށުމާ ގުޅިގެން، ބައިނަލްއަގުވާމީ ތެލެސީމިއާ ފެޑެރޭޝަން (ޓީއައިއެފް) އިން ރާއްޖެއަށް މަރުހަބާ ކިޔައިފިއެވެ.
އެ ފެޑެރޭޝަނުން ވަނީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށާއި ރާއްޖޭގެ ތެލެސީމިއާ މުޖުތަމައުން ހޯދި މި މުހިންމު ކުރިއެރުން ފާހަގަކޮށް، މިއީ ސިއްހީ ދާއިރާގެ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ އިތުރުން ލޭ ހަދިޔާކުރާ ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ބުނެފައެވެ.
މި އައު ނިޒާމާއެކު ރާއްޖޭގައި ލޭ ހަދިޔާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ހާއްސަކޮށް ގަވާއިދުން ލޭ އަޅަންޖެހޭ ތެލެސީމިއާ ބަލިމީހުންނަށް ދެވޭ ހިދުމަތުގެ ރައްކާތެރިކަމާއި އިތުބާރު ބޮޑުވެގެންދާނެ ކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.
'ނެޓް' ޓެސްޓަކީ ލޭގެ ޒަރީއާއިން ފެތުރޭ އެޗްއައިވީ، ހެޕަޓައިޓިސް ބީ އަދި ސީ ފަދަ ނުރައްކާތެރި ވައިރަސްތައް ވަރަށް ކުރީކޮޅު ދެނެގަނެވޭ މޮލިކިއުލާ ޓެސްޓެކެވެ. ސީދާ ވައިރަހުގެ ޖެނެޓިކް މެޓީރިއަލް ދެނެގަންނަ މި ޓެސްޓުގެ ސަބަބުން، ބަލި ޖެހޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި (ވިންޑޯ މުއްދަތުގައި) ވެސް ލޭގައި ވައިރަސް ހުރިކަން ކަށަވަރުކުރެވޭނެއެވެ.
އާބާދީގެ ނިސްބަތުން 900 އަށްވުރެ ގިނަ ތެލެސީމިއާ ކުދިން ދަފްތަރުވެފައިވާ ރާއްޖޭގައި މި ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިއްހީ ސިޔާސަތުތަކާއި "ނޭޝަނަލް ތެލެސީމިއާ މާސްޓާ ޕްލޭން 2024-2034" ގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ.
އޫރީދޫގެ އެހީތެރިކަމާއެކު ތައާރަފުކުރި މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ލޭގެ ހިދުމަތް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތި، ބަލިމީހުންގެ ސަލާމަތްތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.



